އެހެން އަހަރުތަކެކޭވެސް އެއްފަދައިން ރަމަޟާން މަހަށް ޚާއްސަކޮށް ސައުދީ އަރަބިއާ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާ ކޮށްފިއެވެ. އެގޮތުން އަންނަ އަހަރުގެ ރަމަޟާން މަހަށް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ސައުދީން ރާއްޖެއަށް ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ކަދުރު ހަދިޔާ ކުރަނީ، ދެ ޤައުމު ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ސައުދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ހަދިޔާ ކުރަނީ 50 ޓަނު ކަދުރެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭގައި ވިދާޅުވީ ސައުދީން ހަދިޔާކުރި ކަދުރު ޝިޕްމަންޓު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ކަދުރު ބަހާ ނިމޭނެ ކަމަށާއި މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށެވެ.
ސައުދީން ހަދިޔާކުރި ކަދުރު ޝިޕްމަންޓުން އެންމެ ފަހުން ކޮންމެ ގޭބިސީއަކަށް ބަހާފައިވަނީ އެއް ކަދުރު ޕެކެޓެވެ.



