ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުނިކުތުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.
މީގެއިތުރުން، ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާހޯދުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ހަމައެއާއިއެކު ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުނިކުތުމަށް އެދިލައްވާ މިނިސްޓްރީން ވަނީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސް ކޮށްފައެވެ.



