ހުޅުމާލޭގައި އިއްޔެ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖު ގުޅިގެން ހައްޔަރު ތިން މީހުންގެ ތެރެއިން ދެމީހުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އެކަކު ދޫކޮށްލާފައެވެ.
މީގެއިތުރުން، ހައްޔަރުކޮށްފައިވާ އަނެއް ދެމީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިއްޔެ ހަވީރު ހުޅުމާލެ ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރީ މާލެ ސަރަހައްދުގައި މިހާރަށް ވުރެއް ހަރުދަނާ ގޮތެއްގައި ޓެކްސީ ހިދުމަތް ދިނުމަށްޓަކައި ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްގެން ޓެކްސީ ހިދުމަތް ދޭން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ނިންމުމާއި ގުޅިގެންނެވެ.
މިއިހުތިޖާޖު ހޫނުވީ ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބެއް ނުދިނުމުގެ ސަބަބުން ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ބަންދު ކުރުމުގެ ސަބަބުންނެވެ.
މީގެ ސަބަބުން ޓްރެފިކް ބޮޑުވެ، މަގު ތޮއްޖެހުމުން ފުލުހުން ވަނީ އިހުތިޖާޖު ރޫޅާލައި، މަގު ހުޅުވުމަށް މަސައްކަތް ކޮށްފައެވެ.


