ކުރިއަށް އޮތް ރަމަޟާން މަހު މާލޭގައި ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ”ނޫރުލް އަޒާން 1446“ ގެ ނަމުގައި އަންނަ ރަމަޟާން މަހު ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ގޫގަލް ފޯމް މެދުވެރިކޮށް އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ މުބާރާތް ކުރިއަށް ދާނީ ބައިވެރިން ހާޒިރުވެގެން ކަމަށާއި މުބާރާތުގެ އޮޑިޝަން އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



