ދައުލަތުގެ މީޑިއާ ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) އިން ވަގުތުން ގެނެސްދިން އިވެންޓެއްގައި ޤުރުއާނުން ބައެއް އުނިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހުސްވި ހަފްތާގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާ ކީރިތި ޤުރުއާނުން ފެށާފައިވާއިރު ޖަލްސާގެ ބައެއް ވަނީ ލައިވުން އުނިވެފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅައި ބަހުސްކޮށްފައެވެ. މީގެއިތުރުން ގިނައަދަދެއް އާންމު ރައްޔިތުން ވެސް ވަނީ މިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއީ ޓެކްނިކަލް ކަމަކާއި ގުޅިގެން ކުރިމަތިވި މައްސަލައެއްކަން ފާހަގަކުރައްވާ ޕީއެސްއެމްގެ އެމްޑީ ސައީދު ވިދާޅުވީ އެ ކަމުގައި އިހުމާލުވި މުވައްޒަފުން މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
މީގެއިތުރުން، ޤުރުއާނުން ބައެއް އުނިވީ އެޑިޓްކުރުމުގެ ސަބަބުން ނޫން ކަމަށާއި އެއީ، ލައިވް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.
”ލައިވްކޮށް ގެނެސްދޭ ޕްރޮގްރާމެއްގެ ސިގްނަލް، އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ އާއްމުގޮތެއްގައި ކުރާކަމެއް. އެހެންނަމަވެސް، އެ ފަދަ ހާލަތްތަކުގައި ސިގްނަލް ބަދަލުކުރަނީ މީހަކު ވާހަކަދައްކާ ގަޑިއެއްގައި ނޫން. އެހެންނަމަވެސް، މި ދެންނެވި ކޮންޓެންޓް އެއް ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރެވުނީ ކީރިތި ޤުރުއާން ކިޔަވަމުން ދަނިކޮށް،“ އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ވަގުތު ކޮންޓްރޯލް ރޫމްގައި ތިބި މުވައްޒަފުން މިހާރު އެ މުވައްޒަފުންގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އެކަން ދިމާވީ އެޑިޓްކުރުމުގެ ސަބަބުންތޯ ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަންގައި އެދިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މިފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން މި ފަދަ ކަމެއް ތަކުރާރުނުވާނެ ގޮތްތައް އިންތިޒާމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީއެސްއެމް އިން ބުނެފައިވެއެވެ.



