އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ދެ ބޭފުޅުންނަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދެވެ.
މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
މުޙައްމަދު ޒާހިދު ހިއުމަން ރައިޓްސް ކޮމިޝަނުން ވަކިކުރެވުނީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތްކަމަށް ފާސްކުރުމާ ގުޅިގެންނެވެ.
މިވަގުތު އިލެކްޝަންސް ކޮމިޝަންގައި ތިއްބެވީ ދެ މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤުގެ ދައުރު ހަމަވުމާއި، ކުރީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު ޢާޞިފް މަޖިލީހުގެ ކޮމިޓީން ބެލި މައްސަލަތަކަކާ ގުޅިގެން މަޤާމުން ވަކިކުރުމާ ގުޅިގެން މިހާރު ކޮމިޝަންގެ ތިން މަޤާމު އޮތީ ހުސްވެފައެވެ.




