މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި މިއަދު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކުރެވިފައިވާ ކަން ވަނީ އިއުލާން ކޮށްފައެވެ.
ތާރީޚު ފަސްކޮށްފައިވާއިރު، ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުރިން މިޖަލްސާ ބާއްވަން ތާވަލް ކުރެވިފައި ވަނީ މާދަމާ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.
މިއަދު ހެނދުނު އެންވަޔަރަމަންޓް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތަށާއި، އިމާރާތުގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
މީގެ ސަބަބުން ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށާއި މަސައްކަތްތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ކޮންސްޓްރްކަޝަން މިނިސްޓްރީން ވެސް ބުނެފައިވެއެވެ. މީގެއިތުރުން، އީޕީއޭއިން ވެސް ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް ބުނެފައެވެ.



