ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޓެކްސީ ޑްރައިވަރަކު ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅާއިފިއެވެ.
މާލެ ސަރަހައްދުގައި މިހާރަށް ވުރެއް ހަރުދަނާ ގޮތެއްގައި ޓެކްސީ ހިދުމަތް ދިނުމަށްޓަކައި ސަރުކާރު ކުންފުންޏަކާއި ހަވާލުކޮށްގެން ޓެކްސީ ހިދުމަތް ދޭން މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ނިންމުމާއި ގުޅިގެން ބޭއްވި އިހުތިޖާޖު ހޫނުވެ، ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ މއ. ވިރާހު، މުހައްމަދު ޝާމިން އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދެވެ.
މީގެތެރެއިން ނުއުމާން އަހްމަދު ބަންދުން ދޫކޮށްލަން އަދި މުހައްމަދު ޝާމިނާއި އަހްމަދު ޝަބީން ފަސް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ޝާމިން އާއި ޝަބީން ހައްޔަރުކޮށް ބަންދުގައި ބެހެއްޓި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު، އެމީހުންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އަލްއުސްތާޛު އައިކު އަހުމަދު އީސާ ވިދާޅުވީ، އެހާ ގިނަ ދުވަހު އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ފުލުހުންގެ އަތުގައި އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ވަކީލް އައިކު އިތުރަށް ވިދާޅުވީ ކާރުތައް ޓޯކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބައެއްގެ އާމްދަނީ ހޯދެން އޮތް ހަމައެކަނި ވަސީލަތް ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން، ޓޯކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި ޓޯކޮށްފައިވާ ކާރުތައް ހޯދަން ސިވިލް ކޯޓަށް އަންނަ އާދިއްތަ ދުވަހު މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.



