އިއްޔެގެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރަން ފަށައިފިއެވެ.
އިއްޔެ ހެނދުނު 6:30 ހާއިރު އެންމެ ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގައި ރޯވެ އެއަށްފަހު ހުޅުގަނޑު ބޮޑުވެ އެއިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވެ، ހުޅުގަނޑު ނިއްވާލެވުނު އިރު، އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.
މިކަމާއި ގުޅިގެން ހައުސިންގް މިނިސްޓްރީ އާއި އީޕީއޭއިން ވެސް ހިދުމަތް ދިނުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ކަން އަންގާ ހިދުމަތް ދެވޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް މިމިނިސްޓްރީތަކުގެ ހިދުމަތް އަލުން އަވަހަށް ދޭން ފެށުމަށްޓަކައި މިއަދު ހެނދުނު ވަނީ އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
މީގެއިތުރުން އެއިމާރާތުގައި ހިނގަމުން އަންނަ މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް މިހާދިސާގައި ގެއްލުން ލިބިފައިވާއިރު، މަލޭ ސިޓީ ކައުންސިލުން ވަނީ އެދިހުމަތްތައް ދިނުމަށް ހުޅުމާލެއަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.



