މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ހައުސިންގް މިނިސްޓްރީގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން، ސިޓީ ކައުންސިލުގެ ރަޖިސްޓްރޭޝަން އޮފީހަށް ލިބުނު ގެއްލުންތައް ފޫބައްދަން 4.5 މިލިއަން ރުފިޔާގެ އިމަޖެންސީ އެ ކައުންސިލުން ފާސްކޮށްފިއެވެ.
އަލިފާނުގެ އެ ހާދިސާގެ ސަބަބުން ހައުސިންގް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީ ހިންގަމުން ގެންދިޔަ އިމާރާތުގައިވެސް ވަނީ ރޯވެފައެވެ. އަދި މި ހާދިސާގެ ސަބަބުން، އެންވަޔަރަމަންޓު މިނިސްޓްރީގެ އިމާރާތުގައި ހިންގަމުން ގެންދިޔަ މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ވެސް ވަނީ ގެއްލުންވެފައެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 7:00 ހާއިރު ހިނގި އަލިފާނުގެ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން މާލެސިޓީ ކައުންސިލުން އިއްޔެ ހަވީރު ވަނީ ކުއްލި އާންމު ޖަލްސާއެއް ބާއްވާފައެވެ. އަދި އެ ޖަލްސާގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވަނީ ކައުންސިލަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް 4.5 މިލިއަން ރުފިޔާގެ އިމަޖެންސީ ބަޖެޓެއް ފާސްކުރުމަށް ހުށަހަޅާފައެވެ. އަދި މި ހުށަހެޅުން އެ ޖަލްސާގައި އިއްޔެ ވަނީ ފާސްކޮށްފައެވެ.
އެ ޖަލްސާގައި މޭޔަރު އާޒިމް ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކެކޭ އެއްގޮތަށް ސިޓީ ކައުންސިލުގެ ވައިޓަލް ރަޖިސްޓްރޭޝަންގެ އޮފީހުގެ މަސައްކަތްތައް ކުރުމަށް ވަގުތީ ގޮތުން ތަނެއް ބޭނުންވާކަން ވެސް ފާހަގަކުރައްވާފަ އެވެ.
އެގޮތުން ވަގުތީ ތަނެއް ހަމަޖައްސައިދެއްވުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯއަށް ދަންނަވާފައި ވިނަމަވެސް އަދި އެކަމުގައި ކުރިއެރުމެއް ލިބިފައި ނުވާކަން މޭޔަރުގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެއެވެ.



