ހައުސިންގް މިނިސްޓްރީ ހިނގާ އިމާރާތުގައި މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި އެ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓު މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގޭގައި ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ބައްލަވާލައްވައިފިއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިންގް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓު މިނިސްޓްރީ ހިންގަމުންދާ އިމާރާތްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި، ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެހެންކަމުން އެ ތިން މިނިސްޓްރީގެ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ މަސައްކަތްތައް ކުރިއަށް ގެންދިޔުން ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިންގް މިނިސްތްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓިފައިވީ ނަމަވެސް، އެ މަސައްކަތްތައް މާދަމާ އަލުން ފެށޭނެ ކަމަށް ހައުސިންގް މިނިސްޓަރު އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް މުޢިއްޒު ބައްލަވާލައްވައި އެކަމަށް ބޭނުންވާ އިރުޝާދުތައް ވެސް ރޭގައި ވަނީ ދެއްވާފައެވެ.



