ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ސާޖަންޓެއް ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ނިޔާވެފައިވަނީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރެއްވި ސާޖަންޓު، ފާތިމަތު ރިފާ އެވެ.
ރިފާ ނިޔާވުމާ ގުޅިގެން ފުލުހުން ކުރެއްވި މެސެޖެއްގައި ވަނީ، ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ މުވައްޒަފުންގެ ނަމުގައި އޭނާގެ އާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.
އެނގިފައިވާ ގޮތުގައި ރިފާ ޑިއުޓީގައި ހުރި އިރުވެސް މެއަށް ތަދުވާތީ އުޅުނެވެ. އަދި ޑިއުޓީ ނިމިގެން ގެއަށް ގޮސް ސޯފާއަށް ވެއްޓުމުން ވަގުތުން މަރުކަޒަށް ގެންދިޔަ ކަމަށާއި ނަމަވެސް އެއިރު އޭނާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދި ޔަގީންކޮށްދެއްވާފައެއް ނުވެއެވެ.



