އަރިއަތޮޅު ދެކުނުގެ ބައެއް ރަށްތަކުގެ ހާލަތު ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
އެގޮތުން ރައީސް މުޢިއްޒު މިއަދު ފުރާވަޑައިގެންފައި ވަނީ އދ. ގެ ބައެއް ރަށްތަކަށެވެ.
މިއީ އެމަނިކުފާނުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކޮށް އެރަށްތަކުގައި ދަތިވެފައިވާ ކަންތައްތައް ބައްލަވައި، ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާވެސް ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ފައްޓަވާފައިވާ ދަތުރުފުޅެކެވެ.
އެގޮތުން ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އދ. ދަނގެތި އަށެވެ.
އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާވެސް އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދަނގެތީގެ އިތުރުން، އދ. މަހިބަދޫ އަދި އެ އަތޮޅު އޮމަދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.




