މިދިޔަ ބުރާސްފަތި މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ތިން މިނިސްޓްރީގެ ވަގުތީ މަސައްކަތްތައް ދަރުބާރުގޭގައި ވަގުތީގޮތުން ހިންގުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި އެއަލިފާނުގެ ހާދިސާގައި ހައުސިންގް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީ ހިންގާ އިމާރާތުގައި ވެސް ވަނީ އެއިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް އަލިފާން ރޯވެފައެވެ.
އެކަމުގެ ސަބަބުން އެ ތިން މިނިސްޓްރީ ހިންގުމުގެ މަސައްކަތްތައް ވެސް ވަގުތީގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ. އަދި މާދަމާއިން ފެށިގެން އެ މިނިސްޓްރީތަކުން އާންމު ޚިދުމަތްތައް ދޭން ފަށާނެ ކަމަށް ސަރުކާރުގެ ފަރާތުން ވަނީ ބުނެފައެވެ.
އާރްޑީސީގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޯޕަރޭޝަންގެ ފަރާތުން އެ މިނިސްޓްރީތަކަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަމާއި، ޓެކްނިކަލް ސެޓަޕްތައް ރޭވުމުގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
”އެތަނުގައި ސެޓަޕްތައް ރާވައި ނިމުންދެން އަޅުގަނޑުމެންގެ ޓީމުން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން ދާނެ. ދިމާވެފައި މިވަނީ ވަރަށް ވެސް ބޮޑު، އަދި އެހާމެ ހިތާމަވެރި ހާދިސާއަކަށް ވާތީ، އާރްޑީސީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ“ އޮފިޝަލު ވިދާޅުވިއެވެ.
ތިން މިނިސްޓްރީއެއް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯވެފައި ވަނީ އެދުވަހު ހެނދުނު 7:00 ހާއިރެވެ. އެއަށްފަހު މެންދުރު 1:00 ހާއިރު ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓު ކޮންޓްރޯލުވި ކަމަށް އެއިރު އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް އެތެރޭގައި އެއިރުވެސް ހުޅުހިފާފައި ހުރިކަމަށް ވެސް ސިފައިން ވިދާޅުވިއެވެ.



