ހދ. ކުރިނބީގެ ޑަބްލިޔުޑީސީ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްބި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައީ މާލެއާއި ކުރިނބީގައެވެ. އެގޮތުން މި އިންތިހާބުގައި މިއަދު 327 މީހުން ވަނީ ވޯޓުލާފައެވެ.
އެގޮތުން ކުރިނބީ އަންހެނުންގެ ތަރައްޤީއަށް ކޮމިޓީއަށް ހޮވިފައިވަނީ ޕީއެންސީގެ ތިން މެންބަރުން ކަމަށްވާ އެ ރަށު ވީނަސް / ފާތުމަތު ނާފިޒާ އިސްމާއިލް އާއި ދޫގަސް / އީނާސް އާދަމް އަދި ފަލަކު / ރާނިޔާ މުހައްމަދެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ކުރިނބީ ޑަބްލިޔުޑީސީ ބައި އިލެކްޝަނުން ނާފިޒާ ވަނީ 165 ވޯޓު ހޯދާފައެވެ. އަދި ރާނިޔާ 164 ވޯޓު ހޯއްދެވި އިރު، އީނާސް ވަނީ 163 ވޯޓު ހޯއްދެވިއެވެ. މި ކެންޑިޑޭޓުންނާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމުގައިވާ އެ ރަށު ހަވާސާ، ފާތުމަތު ޝައިނާ އާއި އެ ރަށު ފެން ފިޔާޒުގޭ އިފާގާ އާދަމާއި އެ ރަށު ކަނީރުމާގޭ ފިރާޝާ އަލީއެވެ.
އިންތިހާބު ކާމިޔާބުކުރި މެންބަރުންނަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން މެސެޖެއް ވެސް ފޮނުއްވާފައެވެ.




