ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ދަނގެތީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ އދ. ގެ ރަށްތަކަށް ރައީސް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ. އެމަނިކުފާނާއެކު ސަރުކާރުގެ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ދަނގެތީގެ ކައުންސިލާ ބައްދަލު ކުރެއްވުމުން، ކައުންސިލު މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް ސަރުކާރުގެ ފަރާތުން ނިންމާފައިވާ މަޝްރޫޢުތަކާއި ކުރިއަށް އޮތްތަނުގައި ފެށުމަށް ތައްޔާރުވަމުން އަންނަ މަޝްރޫޢުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް މިވަގުތު އެންމެ ދަތިވާ ކަންކަން ވެސް ރައީސްއާ ކައުންސިލުން ހިއްސާ ކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ އެކަންކަމަށް އަވަސް ހައްލެއް ގެނެސް ދެއްވާނެ ކަމަށް މިއަދުގެ ބައްދަލުވުމުގައި އެބޭފުޅުންނަށް ޔަގީންކަން ދެއްވާފައެވެ.
ރައީސްގެ މި ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ ހާލަތު ދެނެގަތުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދެވެ.



