ޣައްޒާގެ އަލް-ނުސައިރަތު ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާއާއި ހިންގި ޤަތުލުއާއްމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނުތަކާ ޚިލާފަށް، އާންމުންނަށް އަމާޒުކޮށް އިސްރާއީލުންދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ބަޔާންވެސް ނުކުރެވޭފަދަ މިންވަރަކަށް ގޯސްވެފައިވާކަން ފާހަގަކޮށް، މިފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢިން އަވަސް، އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.
އިސްރާއީލުގެ ހަރުކަށި ހަމަލާތައް ހުއްޓުވުމަށާއި ހަމަނުޖެހުންތައް ނައްތާލައި، ކުށެއް ނެތް އާންމުން ހިމާޔަތްކޮށް، މެދުއިރުމަތީ ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާ ގޮވާލުންތައް ވަނީ ތަކުރާރުކޮށްފައެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ފަލަސްޠީނުގެ ރައްޔިތުން ޢަދުލުއިންސާފު ހޯދުމަށާއި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މިންނެތް މަސައްކަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން ވެސް ދީފައެވެ.



