ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ ރަށްތަކަށް ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަހިބަދޫ އަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއީ އެމަނިކުފާނުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކޮށް އެރަށްތަކުގައި ދަތިވެފައިވާ ކަންތައްތައް ގާތުން ބައްލަވައި، ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާވެސް ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން އިއްޔެ ހަވީރު ފައްޓަވާފައިވާ ދަތުރުފުޅެކެވެ.
އެގޮތުން ރައީސްގެ މިދަތުރުފުޅުގައި އިއްޔެ އެންމެ ފުރަތަމަ ވަޑައިގަތީ އދ. ދަނގެއްޗަށެވެ.
ދަނގެއްޗަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާވެސް އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ. އަދި ރޭގައި އެރަށުގެ ރައްޔިތުންނާ ވެސް ވަނީ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދަނގެއްޗާއި މަހިބަދޫގެ އިތުރުން އެ އަތޮޅު އޮމަދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.



