މާރާމާރީގެ ތިން މައްސަލައެއް މާލޭގައި ރޭގައި ހިނގައިފިއެވެ.
އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު، މުނިޔާމަގު ދިރިޕަބްލިކް ކެފޭ ތެރެއަށްވަދެ މާރާމީރީ ހިންގި މައްސަލަ 14 ޑިސެންބަރު 2024 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ހަ މީހަކު ސައިކަލުގައި އައިސް، ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ވެސް ރޭގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް އޮފިޗަލު ވިދާޅުވެފައިވެއެވެ.
މާރާމާރީގެ މި ދެ މައްސަލައިގެ އިތުރުން، މާލޭ ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލައެއް ވެސް ރޭގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަތަކުގެ އިތުރުން 12 ޑިސެމްބަރު 2024 ވަނަ ދުވަހު ހުށަހެޅުނު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.



