ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމައިފިއެވެ.
މި މަޝްރޫޢުއަކީ 12 މާރޗް 2020 ގައި އެއްބަސްވުމުގައި ސޮއިކޮށް އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަމަލީ މަސައްކަތް ފެށި މަޝްރޫޢު އެކެވެ. އަދި އަމަލީ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން މި މަޝްރޫޢުގެ ”ފައިނަލް އިންސްޕެކްޝަން“ ހެދުމުގެ މަރުޙަލާ ކަމުގައި އާރްޑީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ އަގަކީ 156،477،632.23 ދިވެހި ރުފިޔާ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިން ހިމެނޭހެން ނުވަ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ކޭބަލް ޖަންކް އަދި ސްޓޯމް ވޯޓަރ ޕަމްޕުތައް ހިމެނޭ ހެން ފެން ހިންދާ ނިޒާމާއެކުގައި ކަމަށް އާރްޑީސީން ބުނެގައިވެއެވެ. އަދި ހުރިހާ މަގެއްވެސް ތަރައްޤީ ކުރެވިފައިވަނީ ތާރު އަޅައިގެން ކަމުގައިވެސް ބުންޏެވެ.
މިއީ، ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ގެ އާލަމީ ވަބާއާއި ގުޅިގެން ބޮޑެތި ލަސްތަކެއް ކުރިމަތިވި މަޝްރޫޢު އެކެވެ. އަދި މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ ދިވެހި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަސް ވެސް މެއެވެ. އެކަމުގެ ސަބަބުން އާރްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލަން މަޖުބޫރުވިއިރު، މިލަންދޫގެ މަގު ހެދުމުގެ މަޝްރޫޢު މަޑު ޖައްސާލަން ޖެހުނީ ދަތުރުފަތުރުގެ ގޮންޖެހުންތަކާއި ރަށްރަށަށް ދަތުރުކުރުން މަނާކުރުމުގެ ސަބަބުންނެވެ.
މި މަޝްރޫޢަކީ ރަށުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ފުރިހަމަވުމުން، ރަށުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ފެންބޮޑުވުމުގެ މައްސަލަތައް ޙައްލުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގުފަހިވެގެންދާނެއެވެ.



