ރާއްޖޭގެ ސްކޫލްތަކަށާއި ލައިބްރަރީތަކަށް އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން ލައްކައަކަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ 15 އަތޮޅެއްގެ 29 ސްކޫލަށާއި ޕަބްލިކް ލައިބްރަރީއަށް ލައްކައަކަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފައިވާ ކަމަށް އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން ބުނެފައިވެއެވެ.
އެކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ފޮތް ހަދިޔާކުރުމުގެ ޕްރޮގުރާމަށް އޮސްޓްރޭލިޔާގެ ބައެއް ކުންފުނިތަކަކުން ވަނީ އެހީދީފައެވެ.
ހަދިޔާކޮށްފައިވާ ފޮތްތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި ފޮތްތަކާއި މަޢުލޫމާތު ހިމެނޭ ފޮތްތަކުގެ އިތުރުން ކިޔެވުމުގައި ބޭނުންކުރާ ސްޓޭޝަނަރީ ހިމެނެއެވެ.
ސްކޫލްތަކަށް ފޮތް ބަހައި، ލައިބްރަރީތަކަށް އެކަށޭނަ ފޮތްތައް ކަނޑައެޅުމަށް ހައި ކޮމިޝަނަށް ”ދި ރީޑިން ރޫމް“ އިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެކޮމިޝަނުން ވިދާޅުވީ ފޮތްތަކުގެ ލޮޖިސްޓިކްސް ހަމަޖައްސާފައިވަނީ ސްކޫލްތަކުން ކަމަށާއި ރަށްރަށަށް ފޮތްތައް ގެންގޮސްދިނުމުގައި ބޯޓުފަހަރުންވެސް އެހީވެދީފައިވާ ކަމަށެވެ.
އޮސްޓްރޭލިޔާގެ ހައި ކޮމިޝަނުން މީގެކުރިން ވެސް ރާއްޖޭގައި ފޮތް ހަދިޔާކުރުމުގެ ޕްރޮގުރާމްތައް ވަނީ ކުރިއަށް ގެންގޮސްފައިވާއިރު އެޕްރޮގްރާމްތަކުން ކުޅުދުށްފުށި ޕަބްލިކް ލައިބްރަރީއަށާއި ތ. ގުރައިދޫ ސްކޫލަށް 500 ފޮތް ހަދިޔާކޮށްފައިވެއެވެ.


