ވިސާއާ ނުލައި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދާ ފްރާންސްގެ އާއިލާ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޓޫރިސްޓު ވިސާގައި ރާއްޖެއައި އާއިލާއެއް މިހާރު ރާއްޖޭގައި އުޅޭތާ މިހާރު 12 ވަރަކަށް އަހަރުވެފައިވާއިރު، މިއާއިލާ ވޭމަންޑޫގައި ދިރިއުޅޭތާ 6 އަހަރު ވެއްޖެއެވެ.
މިކަމާއި ގުޅޭ ގޮތުން ޝައްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމައްސަލަ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ’އިމިގްރޭޝަން ވޮޗް’އަށް ހުށަހަޅާފައިވާ ކަމަށާއި ވިސާއާ ނުލައި ރާއްޖޭގައި ވަޒަންވެރިވެ އުޅެމުންދާ ފްރާންސްގެ އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް، އެ އާއިލާ އެނބުރި ގައުމަށް ފޮނުވާލާނެ ކަމަށެވެ.
މީގެއިތުރުން، އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު ’އިމިގްރޭޝަން ވޮޗް’އަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހު އޮކްޓޯބަރު 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އެ އިދާރާއަށް ހާޒިރުކުރި ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން ހާމަކުރައްވާފައިވާ ގޮތުގައި އެއޮތޯރިޓީން ދަނީ އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ އާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން މި އާއިލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާ ޝައްމާން ވިދާޅުވީ އިމިގްރޭޝަން ގާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ހަމައެއާއިއެކު، ވޭމަންޑޫގައި އެ އާއިލާ ވަޒަންވެރިވެ އުޅޭތާ ހަވަރަކަށް އަހަރު ވާނެކަން ފާހަގަކުރައްވާ ޝައްމާން ވިދާޅުވީ ވިސާއާ ނުލާ އެ އާއިލާ އުޅޭކަން އެނގުނު ހިސާބުން ފެށިގެން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާ، އެ އާއިލާ ގަވާއިދުގެ ތެރެއަށް ވައްދަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.



