މި މަހުގެ 12 ވީ ބުރާސްފަތި ދުވަހު ހެނދުނު، ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ގިނައިރުވީ ކީއްވެތޯ އިދިކޮޅު އެމްޑީޕީން ސުވާލު އުފައްދައިފިއެވެ.
އެދުވަހު ހެނދުނު 7:00 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި ހައުސިންގް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހިންގާ މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއްގައި ވެސް ވަނީ ރޯވެ އެތައް ގެއްލުންތަކެއް ވެފައެވެ.
އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފްގެ އިތުރުން، އެމްއޭސީއެލް، އަދި އެމްޑަބްލިޔުއެސްސީން ވެސް ހަރަކާތްތެރިވެފައިވެއެވެ. އަދި ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލު ކުރެވިފައިވަނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 12 ގަޑިއަރަށްވުރެ ވެސް ގިނައިރުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ މި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށާއި މި ހާދިސާގެ ސަބަބުން ސަރުކާރުގެ އެ މިނިސްޓްރީތަކަށާއި އާންމުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
”އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލަކީ އަލިފާނުގެ މި ހާދިސާ ކޮންޓްރޯލު ކުރަން މިހާގިނަ ވަގުތު ނެގީ ކީއްވެތޯ. މި ހާދިސާ ހިނގި ލޮކޭޝަނަކީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ވަރަށް ގާތުގައިވާ ލޮކޭޝަނެއް. އަނެއްކޮޅުން ޓީ ޖެޓީ އެއޮތީ 30 އަކަށް މީޓަރު ދުރުމިނުގައި. ވަށައިގެން އެއޮތީ ނިސްބަރުން ފުޅާ މަގުތަކެއް. އަލިފާނުގެ ހާދިސާ ހިނގި އެ އިމާރާތުގައި އެވަގުތަކު މީހުންނެއް ނެތް“ ސަލީމް ވިދާޅުވިއެވެ،
އެހެންކަމުން އަލިފާން ކޮންޓުރޯލު ކުރުމަށް އެވަގުތު ހޭދަވީއިރު، އަލިފާން ނިއްވުނީ ”ދެން އަނދާނެ އެއްޗެއް ނެތުމުން“ ކަމަށް ބައެއް މީހުން ސިފަކޮށްފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ސަރުކާރަށާއި އަދި އިދިކޮޅު ފަރާތްތަކަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން މިއީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އަންދާލުމަށް ސަރުކާރުން ރޭވި ރޭވުމެއް ކަމަށް ބުނިއިރު، މިއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ ދެކޮޅަށް ތަހުގީގު ކުރަން ތައްޔާރުވާ މައްސަލައިގެ ލިޔެކިޔުންތައް ނައްތާލުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ރާވައިގެން ހިންގި ކަމެއް ކަމުގައިވެސް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.




