ރާއްޖޭގެ ސަރަހައްދު ކައިރީގައި އުފެދޭ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުގެ ފެށިގެން ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
އެގޮތުން މެޓް އޮފީހުން ބުނީ ބަންގާޅު ކަނޑު ކައިރިން މިއަދު އުފެދިފައިވާ ކޮޅިގަނޑެއް، ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނު އިންޑިއާގެ ޓަމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން މި ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް ރާއްޖޭގެ ސަރަހައްދުތަކަށް ވައި ބާރުވެ، ބައެއް ސަރަހައްދުތަކަށް ކަނޑު ގަދަވެ، އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.



