އެޗް.އައި.ވީ.، ވައިރަލް ހެޕަޓައިޓިސް އަދި ޖިންސީގުޅުމުން ފެތުރޭ ބަލިތަކާ ގުޅޭ އައު ޤައުމީ ގައިޑްލައިންތަކެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތަޢާރަފުކޮށްދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު މީރުމާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ގައިޑްލައިންތައް ތަޢާރަފުކުރުމަށްފަހު، އޭގެ މައްޗަށް ޕެނަލް މަޝްވަރާއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާގައި ރާއްޖޭގައި މި ބަލިތައް ފެތުރުމާއި، ދެނެގަތުމުގެ އިތުރުން އަވަސް ފަރުވާ ދިނުމާ ގުޅޭ ގޮތުން ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރެވިފައިވާނެކަމަށް ރައީސްއޮފީހުން މައުލޫމާތު ދީފައިވެއެވެ.
ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު އެޗް.އައި.ވީ. އަށް ފަރުވާ ދިނުމާ ގުޅޭ ގައިޑްލައިން އެކުލަވާލެވިފައިވާއިރު، މި އައު ގައިޑްލައިންތަކަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ ފަހުގެ އިރުޝާދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ގައިޑްލައިންތަކެކެވެ.



