ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތަށް ފުޅާކުރުމަށް، އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ މި ނިންމުމަކީ ބައިނަލްއަޤުވާމީ އެންމެހައި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި މި ސަރަހައްދުގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމުގައެވެ.
ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ސީރިޔާގެ ގޯލާން ހައިޓްސް ގެ ބިންތަކަށް ނުޙައްޤުން ވެރިވެގަތުމަށް އިޒްރޭލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި، އެ ޤައުމުން ސީރިޔާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަށް ނިމުމަކަށް ގެނައުމަށާއި އަދި އދ. ގެ ކަމާބެހޭ ޤަރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކުރައްވައި، ސަލާމަތީ މަޖިލީހުގެ ޤަރާރު 497 (1981) ފަދަ އދ.ގެ ކަމާގުޅޭ ޤަރާރުތަކަށް ޢަމަލުކުރުމަށް ރާއްޖޭގެ ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން އިޒްރޭލަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ސަލާމަތަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިއޮނާނެ ކަމަށާއި ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނެ ގޮތަށް، އެ ޤައުމުގައި ސުލްޙައާއި، ސަލާމަތާއި، އިސްތިޤްލާލު ޤާއިމްކުރުމަށް ކުރެވޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ މަސައްކަތަކަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަން ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.




