ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ފުރިހަމަ މަޢުލޫމާތު އެކުލެވޭ ދަފްތަރެއް ތައްޔާރުކޮށް، އެ ދަފްތަރުގެ ތަފާސްހިސާބު މިއަދު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީގެ ފަރާތުން ބުނީ މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ މަޢުލޫމާތު އެއްކޮށް، އެފަދަ ދަފްތަރެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށެވެ. މި ދަފްތަރުގެ ބޭނުމަކީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ފަސޭހަކުރުން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ދަފްތަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 2،116 ދަރިވަރަކު ރަޖިސްޓްރީވެފައިވާ ކަމަށް ވެއެވެ. މީގެ ތެރޭގައި 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުން ހިމެނެއެވެ.
މީގެ އިތުރުން، މި އަހަރު ސަރުކާރުން ދޭ ސްކޮލަރޝިޕްތަކުގެ ތަފްސީލުވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް 19 ދަރިވަރަކަށް ދީފައިވާއިރު، ހައި އެޗީވަރސް ސްކޮލަރޝިޕް 119 ދަރިވަރަކަށް ދީފައިވާ ކަމަށް ވެއެވެ.
އަދި ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން 1،384 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 582 ދަރިވަރަކު މިހާރު ވަނީ ކިޔެވުން ފަށާފައެވެ. ސްކޮލަރޝިޕް ސްކީމްގެ ދަށުން 345 ދަރިވަރަކަށް ފުރުޞަތު ދީފައިވާއިރު، 137 ދަރިވަރަކު މިހާރު ވަނީ ކިޔެވުން ފަށާފައެވެ.
މި ދަފްތަރު އެކުލަވާލުމުގެ ސަބަބުން، ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ގުޅޭ މުހިންމު ކަންކަން ބެލެހެއްޓުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



