އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު މީހާ ހޯދާ، ޑީޕޯޓު ކުރަން ނިންމައިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މީސްމީޑިއާގައި މިމަހުގެ ހަ ވަނަ ދުވަހު މާލޭ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީގެ ވީޑިއޯގައި ގިނަ އަދަދެއްގެ ބިދޭސީން އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ފެނިގެންދިޔައެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
މީގެއިތުރުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު ވަނީ މާރާމާރީގައި ބައިވެރިވި ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަމްރިތު ސިންހް ކިޔާ 25 އަހަރުގެ ފިރިހެނެކެވެ.
އޭނާ ޑީޕޯޓްކޮށްލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މިމައްސަލަ އާއި ގުޅިގެން އިތުރު މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމެއް އެއޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ.
އެ ޚިދުމަތުން ބުނީ އެ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.




