ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ކުރުމުގެ މަޝްރޫއު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ނިންމާލައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވީ އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފި ކަމަށެވެ. އަދި އެ ނިޒާމުތައް ޓެސްޓްކޮށް ވެސް މިހާރު ނިމިފައިވާ ކަމަށް މަޠީން ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީއިން އޮޅުވެލިފުށީގައި ގާއިމްކޮށްފައިވާ ފެނައި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމްކުރުރުމުގެ މަސައްކަތުގެ ދަށުން 9.71 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާފައިވާއިރު، ފެން އުފެއްދުމަށް 2 އާރްއޯ ޕްލާންޓެއް ވެސް ވަނީ ބަހައްޓާފައެވެ.
މީގެއިތުރުން، މިޕްލާންޓްތަކުން އުފައްދާ ފެން ރައްކާރުރުމަށް 3 ތާނގީ ބަހައްޓުމުގެ އިތުރުން ގޭގެގައި ފެން މީޓަރުތައް ހަރުކޮށް ގެތަކަށް ވަނީ ފެނުގެ ކަނެކްޝަންތަކެއް ގުޅާފައެވެ.
ހަމައެއާއިއެކު ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅާ އިދާރީ އިމާރާތެއް އަޅާފައިވާއިރު، ރަށުގެ އެކި ސަރަހައްދުތަކުގައި 4 ޕަންޕިން ސްޓޭޝަން އަދި ނަޖިސް ބޭރުކުރުމަށް 1 ސީ އައުޓް ފްލޯ ވެސް ވަނީ ގާއިމުކޮށްފައެވެ.



