ވޭޕް ބޭނުންކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި އަދި އެކަކު އަނެކަކަށް ދިނުމުގެ އިތުރުން މިފަދަ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ މެދުވެސް ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށެވެ.
މީގެއިތުރުން، ޖޫރިމަނާ ކުރެވޭ ފަރާތްތަކުގެ ފޯނުތަކަށް ކުރު މެސެޖެއް ފޮނުވާނެ ކަމަށާއި، މި މެސެޖްގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ހުންނާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ގާނޫނަށް ގެނެވުނު އިޞްލާޙަށް ހުށް ހުރިހާ ރައްޔިތުން ވެސް ފުރިހަމައަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.




