ސަލާން ޖަހާ މީހުންގެ ކިބައިން އިންޑިއާގެ މަދްޔަ ޕްރަދޭޝް ސަލާމަތް ކުރުމަށް ކަމަށް ބުނެ، އެ އަވަށުން އިއްޔެ އައު ޤާނޫނެއް އުފައްދައިފިއެވެ.
އެގޮތުން މަދްޔަ ޕްރަދޭޝްގެ ސަރުކާރު ހިންގާ ފަރާތްތަކުން އިއްޔެ ނިންމީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި އުޅޭ ސަލާން ޖަހާ އެއްވެސް މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވެސް ފައިސާ ދީފިނަމަ، ފައިސާ ދޭ މީހާއާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފިޔަވަޅު ވެސް އެޅުމަށެވެ.
މަދްޔަ ޕްރަދޭޝްގެ އިންދޯރުގެ ކަލެކްޓަރެއް ކަމަށްވާ އަޝީޝް ސިންގް އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، މިހާރުވެސް އެ އަވަށުގައި ސަލާން ޖެހުން މަނާވާނެ ކަމަށާއި އެހެންނަމަވެސް އެކަން އަދިވެސް ކުރަމުން ގެންދަނީ، ސަލާންޖަހާ މީހުންނަށް އެހެން މީހުން ފައިސާދޭތީ ކަމަށެވެ. އެހެންކަމުން ފައިސާ ދޭ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ނިންމީ، ސަލާން ޖެހުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
”މިކަމާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް މި މަސް ނިމެންދެން އެކިއެކި ޕްރޮގްރާމުތައް ހިންގޭނެ. އެކަމަކު އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، ސަލާންޖަހާ މީހުންނަށް ފައިސާ ދޭ ކޮންމެ މީހަކާ ދެކޮޅަށް އެފްއައިއާރް އެއް ރެޖިސްޓަރ ކުރެވޭނެ“ އަޝީޝް ބުންޏެވެ.
އިންދޯރާއި މަދްޔަ ޕްރަދޭޝުގައި ސަލާން ޖަހާ މީހުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންގެންދާ އެ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އަޝީޝް ވަނީ ގޮވާލާފައެވެ. އަދި މިއީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ވެސް ނިންމި ނިންމުމެއް ކަމަށް އަޝީޝް ބުނެފައިވެއެވެ.



