ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކުޅަދާނަ ޅެންވެރިޔާ އަލީ ޝަރީފު (ޏ. އަލީ ޝަރީފު) އަވަހާރަވެއްޖެއެވެ.
އަލީ ޝަރީފު އަވަހާރަވީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރުފުޅުން 84 އަހަރެވެ.
ސަރުކާރަށް 31 އަހަރު ވަންދެން ހިދުމަތްކުރެއްވި އަލީ ޝަރީފު ވަނީ އޭޓާނީ ޖެނެރަލްގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައި ވެސް މަސައްކަތް ކުރައްވައި، އެކި ކޯޓުތަކުގައި ގާޒީކަން ވެސް ކުރައްވާފައެވެ.
މީގެއިތުރުން އަލީ ޝަރީފަކީ ކުޅަދާނަ ޅެންވެރިއެއް ވެސް މެއެވެ. އެގޮތުން 1981 ގައި ޅެންވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް އޭނާ ހާސިލު ކުރައްވާފައިވެއެވެ.
އަދި ’ބިއްސާވެރި 1 އާއި 2’ގެ ނަމުގައި އަލީ ޝަރީފުގެ ދެ ޅެން ފޮތެއް ސަރުކާރުން ޝާއިއުކޮށްފައިވެ އެވެ.
އަލީ ޝަރީފްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.



