މި މަހުގެ 12 ވީ ބުރާސްފަތި ދުވަހު ހެނދުނު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.
އެދުވަހު ހެނދުނު 7:00 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާގައި ހައުސިންގް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓު މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ އިމާރާތްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެތަނުގައި ހިންގާ މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއްގައި ވެސް ވަނީ ރޯވެ އެތައް ގެއްލުންތަކެއް ވެފައެވެ.
އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފްގެ އިތުރުން، އެމްއޭސީއެލް، އަދި އެމްޑަބްލިޔުއެސްސީން ވެސް ހަރަކާތްތެރިވެފައިވެއެވެ. އަދި ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލު ކުރެވިފައިވަނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 12 ގަޑިއަރަށްވުރެ ވެސް ގިނައިރުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑިއުޓީ ނަންބަރަށް 9911099 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ރޯވި ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން މިހާރު ކުރަމުން އަންނަނީ ދަރުބާރުގޭގައެވެ.



