ޓެކްސީ ޑްރައިވަރުންގެ ހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޑްރައިވަރުންނާއި ޓޯ ކުރި ކާރުތައް ދޫކޮށްލަން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގޮވާލައިފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިއަށްގެންދިޔަ އިހުތިޖާޖު އާއި ގުޅިގެން ޑްރައިވާސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ހަބީބް ސޮއިކޮށް އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ ސަރުކާރުން ފަށަން އުޅޭ ޓެކްސީ ފްލީޓް ހުއްޓުވުމަށް ގޮވާލާފައެވެ.
މިދިޔަ ދެ ދުވަހު ހަވީރު 4 ޖަހާއިރު ފެށި ސުލްހަވެރި އިހުތިޖާޖު އެ ރޭ 8:30 ގައި ނިންމާލާފައިވާކަން ފާހަގަކޮށް ހަބީބް ވިދާޅުވީ އިހުތިޖާޖު ނިންމާލުމަށްފަހު ޓެކްސީ ޑްރައިވަރުން ގެއަށް އަދި ދަތުރުކުރަން ދިޔަ މަގުމަތީގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ހައިވޭއާ ދިމާލުން ޓްރެފިކް ބާރު ބޮޑުވި ކަމަށެވެ.
މީގެއިތުރުން، ފުލުހުން ތުހުމަތުކުރާ ގޮތަށް އާންމުންނަށް ދަތިކޮށް, މަގުތައް ބަންދުކުރުމަކީ އެ ޖަމިއްޔާއިން އެއްވެސް ވަރަކަށް ތަރުހީބުދީ, ހިތްވަރުދޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލެއް އެ މުޒާހަރާގައި ހިނގާފައި ނުވާ ކަމަށް އެސޯސިއޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެސޯސިއޭޝަނުން އިތުރަށް ބުނީ އެ ރޭ އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެއެސޯސިއޭޝަންއިން މާފށް އެދޭ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކުރިއަށް އޮތްތަނުގައި އަމަލުކުރުމަށް ވެސް އެ ދާއިރާއާއި ގުޅުން ހުރި ފަރާތްތަކަށް އެސޯސިއޭޝަނުން އިލްތިމާސްކޮށްފައެވެ.
ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ތިން ޑްރައިވަރުން ހައްޔަރުކޮށް ގިނަ އަދަދެއްގެ ޓެކްސީ 30 ދުވަހުގެ މުއްދަތަކަށް ހިފަހައްޓާފައެވެ. މިކަން އެސޯސިއޭޝަނުން ކުށްވެރިކޮށްފައިވާއިރު، އެއެސޯސިއޭޝަނުން ބުނީ އެއީ ތަހުޒީބު ޑިމޮކްރަސީއެއްގައި ކޮށްގެން ވާނެ އަމަލެއް ނޫން ކަމަށެވެ.




