އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ރައީސް އޮފީހުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ނަމަވެސް، މިއަދު އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަޤާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 31 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ. އަދި އޭސީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި، އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ފުރުޞަތަކީ އޭސީސީގެ މުހިންމު ދެ މަޤާމަށް ޤާބިލު ފަރާތްތަކެއް ހޯދުމަށް ދެވޭ ފުރުޞަތެއް ކަމަށް ބެލެވެއެވެ. ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާ މި މުހިންމު މުއައްސަސާގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތްތަކެއް ހޮވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.



