އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި އަލަށް އުފައްދާ، އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމުގެ މަގާމަށް މީރާގައި އިސް މަގާމުތައް ފުރުއްވާފައިވާ އަސްމާ ޝަފީއު ހޮވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިމަގާމަށް އަސްމާ ހޮވާފައިވާ ކަމަށް ބުނެފައެވެ.
އަސްމާ ވަނީ މީގެ ކުރިން މީރާގެ ޑިރެކްޓާ ޖެނެރަލް، ޕްލޭނިން އެންޑް ޑެވެލޮޕްމެންޓްގެ މަގާމު އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވާފައެވެ.
އިކޮނޮމިކް ރިފޯމް އޮފީހަކީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކަށް އުފައްދާފައިވާ އާއު ކޮމިޝަނެކެވެ.
ރިފޯމް ކޮމިޝަނަރުގެ މަގާމުގެ ޒިންމާތަކުގެ ތެރޭގައި އިގުތިސާދީ އިސްލާހުތައް ގެނައުމާއި ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުން ހިމެނޭ ގޮތަށް ގައުމީ އިސްލާހީ އެޖެންޑާއެއް އެކުލަވާލައި ތަންފީޒުކުރުމުގައި އިސްކޮށް މަސައްކަތްކުރުމާއި އިގުތިސާދު ސިންދަފާތުކޮށް، ވާދަވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުމުގެ ހަރަކާތްތައް ރާވައި ތަންފީޒުކުރުން ހިމެނެއެވެ. އަދި އިސްލާހީ ފިޔަވަޅުތަކާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރާއި މުސްތަޝާރަށް ލަފާ ދިނުން ވެސް މިމަގާމުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.



