މި ހަފުތާގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރައިން ލަފާކޮށްފައިވާތީ، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވަނީ ޔެލޯ އެލާޓެއް ނެރެފައެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރެވެ.
މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް ރާއްޖެ ކައިރީގައި ދެ ކޮޅިގަނޑު އުފެދެމުން ދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން، ވިއްސާރަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެންޑީއެމްއޭ އިން ވަނީ އިންޒާރުދީފައެވެ.
ވައިގަދަވެ ވިއްސާރަވުމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އެންޑީއެމްއޭ އިން ވަނީ އާންމުންނަށް ގެއަށް ފެން ނުވަންނަ ގޮތަށް ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމަށާއި ގޭތެރޭގައި ފެން ބޮޑުވެއްޖެ ނަމަ ގެއްލުން ވާނެ މުދާ އުސް ތަންތަނަށް ބަދަލުކުރުމަށާއި ގަދަ ވަޔާ އެކު އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމުގެ އިތުރުން ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ކަންކަން ހަމަޖެއްސުމަށް އިރުޝާދު ދީފައެވެ.
އެންޑީއެމްއޭ އިން ވަނީ މި ދުވަސްވަރު އާންމުން ވީހާވެސް ބޮޑަށް ރައްކާތެރިވެ، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



