ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވާއިދާއެކު ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ތަންތަން އިތުރުވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިގަވާއިދުގެ ޑްރާފްޓިން މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ”ދަފަރާ“ ޕްރޮގްރާމުގައި ވާހަކަދައްވަމުން ހެލްތް މިނިސްޓްރީގެ ނައިބް އަލްއުސްތާޛު އިސްމާއިލް ޒާހިރު ވިދާޅުވީ ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވާއިދަށް ހިޔާލު ހޯދާ ނިމިފައިވާކަމަށާއި ޤަވާއިދުގެ ޑްރަފްޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
ޤަވާޢިދު ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ހާމަކުރައްވާ ޒާހިރު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ތަންތަން އިތުރު ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، ގަވާޢިދު އާއްމުކުރާ ހިސާބުން ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށްވެސް، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.
”ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެނެވުނު އިސްލާހާގުޅިގެން އަތޮޅުތަކުގައި އާންމުން ހޭލެންތެރިކުރުމަށް، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ދަނީ ކުރަމުން. ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާގުޅޭ ފަރާތްތައް އަހުލުވެރި ކުރުމާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ދަނީ ކުރަމުން.“ ސިއްހީ ވަޒީރުގެ ނައިބް އަލްއުސްތާޛު އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.
ދުންފަތާ ދުރުހެލިވެފައިވާ މުޖުމަތަމައެއް ބިނާ ކުރުމަށް މިސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



