ތޫނު ހަތިޔާރާއެކު މާލޭގެ ކެފޭއަކަށްވަދެ އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި، މުދަލަށް ގެއްލުން ދިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަވީރީ ހިނގުމުގައި ހުންނަ ”ލެޓްސް ކޮފީ 2024 މޯލްޑިވްސް“ އަށް މިމަހުގެ 12 ވަނަ ދުވަހު ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުން ކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުންދިން މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ ވަޔަލެޓްމާގޭ / އަހުމަދު ތައުފީޤް (31އ.) އާއި ބ. ތުޅާދޫ މީޒާން / އަސަދުﷲ ޚާތިމް (44އ.) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



