ތ. ވޭމަންޑޫގައި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާއަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު ނިންމަވައިފިއެވެ.
ދެމަފިރިންނާއި ހަތަރު ކުދިންނާއެކު އެރަށުގައި ދިރިއުޅެމުން އަންނަ އެ އާއިލާ ރާއްޖެ އައިސްފައިވަނީ މީގެ 12 އަހަރު ކުރިން، ޓޫރިސްޓު ވިސާގައެވެ. ނަމަވެސް ޓޫރިސްޓު ވިސާގެ ތިން މަސް ހަމަވުމުން ވެސް އެނބުރި ޤައުމަށް ނުގޮސް ރާއްޖޭގައި އުޅެމުން ދިޔައީ ވިސާއަކާ ނުލައި ގަވާއިދާ ޚިލާފަށެވެ.
އެހެންކަމުން އެމީހުން ރާއްޖެއިން ފޮނުވާލުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމިއެވެ. ނަމަވެސް އެ އައިލާ ފްރާންސް ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކުރަން ފެށީ އިސްލާމްވުމަށްފަހު އަމިއްލަ ޤައުމުގައި ދިމާވާންފެށި އުނދަގޫތަކުގެ ސަބަބުން ކަމަށްވާތީ، އަނބުރާ ޤައުމަށް ފޮނުވާ ނުލުމަށާއި ރާއްޖޭގައި އެސައިލަމް ދިނުމަށް އާންމުންގެ ގިނަ ރައްޔިތުންނާއި ޖަމިއްޔާތަކުން އަންނަނީ ސަރުކާރަށް ގޮވައިލަމުންނެވެ.
މިކަމާ ގުޅޭގޮތުން ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ، ފްރާންސްގެ އެ އާއިލާގެ ތެރެއިން ދެ ކުދިންނަކީ ރާއްޖެއަށް އުފަންވެފައިވާ ކުދިންކަމުގައިވާތީ އެކުދިން އެނބުރި ދާންޖެހޭ ފްރާންސަކީ މޫނު ބުރުގާވެސް އެޅުން މަނާ ކޮށްފައިވާ ޤައުމެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި އުފަންވެފައި ތިބި އަދި ދިވެހި ބަހުން ވާހަކަދައްކާ ކުދިންތަކެއް ފްރާންސަށް ފޮނުވާލަން ޖެހޭތީ ގާނޫނީ އެހީތެރިކަން ދިނުމަށް ދިޔާނާއެކު މަޝްވަރާކުރުމަށްފަހު އެކުގައި މަސައްކަތްކުރަން ނިންމާފައިވާ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އާޒިމާ ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ މީހުން ފޮނުވާލާއިރު ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިޔާއަތްކުރަން ޖެހޭ ކަމަށާއި، އެކަންކަމަކީ ރާއްޖޭގައި މީގެ ކުރިން ވަކާލާތުކޮށްފައިވާ ނުވުމުގެ މާނައަކީ ދައުލަތުން ގާނޫނީ ޒިންމާތަކެއް ނެތުން ނުވަތަ އެ މީހުންގެ ގާނޫނީ ނެތުން ނޫން ކަމަށެވެ.



