މިމަހުގެ 12 ވީ ބުރާސްފަތި ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން ރަށްވެހިކަމާއި ގޯތީގެ ރެޖިސްޓްރީތައް ގެއްލިފައިވާ ކަމަށާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާ ގުޅިގެން އެ ޑޭޓާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ހައުސިންގް މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެ ހިނގި މި ހާދިސާގެ ސަބަބުން އެ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގައި ވެސް ވަނީ ރޯވެފައެވެ. އެ ބިލްޑިންގުގައި ރޯވުމުގެ ސަބަބުން އެތަނުގައި ހިންގާ މާލެ ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަންގައި ވެސް ރޯވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
އެގޮތުން އެ އިމާރާތުގައި ހިންގަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއްވެ، ލިޔެކިޔުންތަކެއް ވަނީ އަނދައިގެން ގޮސްފައެވެ. އެތަނުގައި ހުރީ، އުފަންވުމާއި މަރުވާ މީހުންގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކާއި، ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލެވެ.
މިހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، މިއަދު ކުރިއަށްދިޔަ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 176 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔާ އަހުމަދު ނަރީޝް ވިދާޅުވީ، ގެއްލުނު މައުލޫމާތާއި، އެތައް ޒަމާނެއް ވަންދެން ނުލިބި ހުރި މައުލޫމާތުތައް ޑީއެންއާރުން ކައުންސިލަށް ދޭން އެއްބަސްވެފައިވާ ކަމަށެވެ.
“ ލޭންޑް ސެކްޝަނުން ގެއްލިގެން މިދިޔަ އެންމެ ޒަމާންވީ ރެޖިސްޓްރީތައް އޭގެ އެންމެ އިހުގެ ގަޒިއްޔާތަކުން ފެށިގެން އެންމެ ފަހާ ހަމައަށް އެ ބޭފުޅުންގެ އަތުގައި ކޮޕީ ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ދެއްވަން އެބޭފުޅުން އެއްބަސްވެއްޖެ“ ނަރީޝް ވިދާޅުވިއެވެ.
މީގެއިތުރުން ނަރީޝް ވިދާޅުވީ، ކޯޑިނޭޝަން ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޑޭޓާތައް އަވަހަށް ހޯދުމަށް ކަމަށާއި އެގޮތުން މާލެ ސިޓީ ކައުންސިލްގެ 85 އިންސައްތަ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ.



