ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.
ޕީޕީއެމްއިން މި މަހުގެ ދެވަނަ ދުވަހު ބޭއްވި ސެނެޓު ބައްދަލުވުމުގައި އެޕާޓީ އިވާލަން ނިންމާފައި ވަނީ އެބައްދަލުވުމުގައި ބައިވެރިވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕީޕީއެމް އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށާއި، ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުން މަނާ ކަމަށެވެ.
މީގެއިތުރުން، އެ ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރުމުގެ އިހްތިޔާރު ޕީޕީއެމަށް ލިބިގެން ނުވާކަން ފާހަގަކޮށް އީސީއިން ބުނީ ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށެވެ.



