މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިންގުމުގައި ވަކި ބަޔަކަށް ފައިދާވާނެ ގޮތަށް ކަންތައްތައް ކުރިއަށްގެންދަން ޖާގައެއް ނުދޭނެ ކަމަށާއި އެ ކުންފުންޏަށް ގެންނަން ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްޤީއެއް ކަމަށް މިފްކޯގެ އައި ސީއީއޯ ޑރ. ވިތާލީ ލުބިމޮފް ވިދާޅުވެއްޖެއެވެ.
މިފްކޯގެ ސީއީއޯ މިހެން ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ދަށުން ކުންފުންޏަށް އައު ޖެނެރަލް މެނޭޖަރެއް އައްޔަނިކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެގޮތުން ކުންފުނީގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޑރ. ވިތާލީ ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭނެކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިމަސައްކަތަށް ފަހު މިފްކޯ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެގޮތުގެ ތަފްސީލުތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
މީގެއިތުރުން ކުންފުނި ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން އޭނާ ވަނީ މިފްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އައު ޖެނެރަލް މެނޭޖަރެއް އައްޔަންކޮށްފައި ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ކުންފުނީގެ މުވައްޒަފުންގެ ޤާބިލިއްޔަތުކަން ވަޒަން ކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ވިތާލީ ވިދާޅުވީ އޭނާ އެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ މިފްކޯއާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އިތުރުކުރުމަށްކަމަށެވެ. އެގޮތުން ސިޔާސީގޮތުންވެސް އަދި އެނޫން ގޮތަކުންވެސް އެއްވެސް ނޫފުޒެއް ބަލައިނުގަންނާނެ ކަމަށެވެ.
”ސިޔާސީ ގޮތުންވެސް އެއްވެސް ނޫފުޒެއް ފޯރުވަން ކުންފުނީގެ މައްޗަށް މަސައްކަތްކޮށް ކުންފުނީގެ ހިންގުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާނަމަ، އެކަން ހުއްޓުވާނަން. އެކަހަލަ އެއްވެސް ކަމަކަަށް ޖާގައެއް ނުލިބޭނެ. އެފަދަ ކަމެއް ކުރާ ފަރާތެއް ނަމަ ހާމަވެސް ކުރާނަން“ ޑރ. ވިތާލީ ވިދާޅުވިއެވެ
މިފްކޯގެ އެޗްއާރް ޑިޕާޓްމަންޓުގެ އައު ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވަނީ އަހުމަދު ނާސިރެވެ. އޭނާ މަގާމާ ހަވާލުވެ މަސައްކަތަށް ރަސްމީކޮށް ނިކުންނަން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.



