މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާތީ، މި މައްސަލައާ ގުޅިގެން މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފަޒީލް ރަޝީދު ވެސް ސަސްޕެންޑު ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު ކަމަށް ބުނާ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް ހައުސިން މިނިސްޓްރީއަށް އެޗްޑީސީގެ ނަމުގައި ފޮނުވާފައިވާ ސިޓީއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަހުގީގު ނިމި އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފު ފިޔަވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުންފުނީގެ އެމްޑީ ފަޒުލް ވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން އެމްޑަބްލިޔުއެސްސީ އިން އެކުއްފުނީގެ މީޑިއާ ގްރޫޕުގައި ބުނެފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިޔަށް ގެންދާ ތަހުޤީޤަށް ޖާގަދީ ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު މިހާރުވަނީ މިއަދުން ފެށިގެން ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި މިއީ އެކުންފުނީގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.



