މިމަހުގެ 12 ވީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައި ހައުސިންގް މިނިސްޓްރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރި އެންމެންވެސް، އަދިވެސް ތިބީ އެހިޔާތަކުގައި ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގި އެ ހާދިސާގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގައި ވެސް ވަނީ ހުޅުހިފައި ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ ގްރީން ބިލްޑިންގުގައި ހިންގަމުން ދިޔަ މާލޭ ސިޓީ ކައުންސިލުގެ އިދާރާއަކަށް ވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މި ތިން މިނިސްޓްރީގެ އިތުރުން، އަލިފާނުގެ ދުމުގެ ސަބަބުން އެސަރަހައްދުތަކުގައި ހުރި ބައެއް ގެތަކަށް ވެސް އަސަރުކޮށް، އޭގެ ތެރެއިން 7 ގޭބިސީއަކުން 29 މީހަކު އެންޑިއެމްއޭ އިން ވަނީ ވަގުތީހިޔާތަކަށް ބަދަލު ކޮށްފައެވެ.
މިކަމުގެ އަދާހަމައެއް ”ސައުވީސް“ އަށް ދެއްވަމުން އެންޑީއެމްއޭގެ މީޑިއާ އޮފިޝަލު އަލީ އާސިރު ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަން ދިން 29 މީހުން ވެސް އަދިވެސް ތިބީ އެތަންތަނުގައި ކަމަށާއި އެމީހުންނަށް އަމިއްލަ ގެދޮރަށް ދެން ދެވެން އޮތީ އެތަންތަނަށް އެނބުރި ދިޔުން ރައްކާތެރިވުމުން ކަމަށެވެ.
”އެ 29 މީހުން ވެސް ތިބީ އެންޑީއެމްއޭ އިން ކަނޑައަޅައި ބައިތިއްބާ ތަންތަނުގައި، އޭގެ ތެރޭގައި ގެސްޓްހައުސްތައް ވެސް ހިމެނޭ“ އަލީ އާސިރު ވިދާޅުވިއެވެ.
އަލިފާނުގެ އެ ހާދިސާއާ ގުޅިގެން 50 މީހަކު އެހީތެރިކަމަށް އެދި އެންޑީއެމްއޭ ގެ 115 ނަންބަރަށް ގުޅާފައިވާ ކަމަށް މީގެކުރިން އެ އޮތޯރިޓީން ވަނީ ބުނެފައެވެ.



