ހައި އެޗީވާސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ފަށާ ކޯސް ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އުސޫލު އިޞްލާޙުކޮށްފިއެވެ.
މި އިޞްލާޙާއެކު ކުރިން ޢަމަލުކުރަމުން އައި 2019 ވަނަ އަހަރުގެ އުސޫލުގައި އޮތް، ފައިސާގެ މުޢާމަލާތެއް ހިންގުމަށްފަހު ކޯސް ބަދަލުނުކުރެވޭނެކަމުގެ މާއްދާ ވަނީ އުވާލާފައެވެ.
އާ އުސޫލުގެ ދަށުން، ދަރިވަރުން ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުން މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، ވަކި ޝަރުޠުތަކެއްގެ ދަށުން ކޯސް ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި، ކުރިން ހުށަހެޅި މަރުކަޒަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވުމާއި، ކޯހުގެ ފުރަތަމަ ސެމެސްޓަރ ނިމުމުގެ ކުރިން ބަދަލުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކޯސް ބަދަލުކުރަން ޖެހޭ ސަބަބު ބަޔާންކޮށް ރަސްމީ ލިޔެކިޔުންތައް ހުށަހެޅުމާއި، ބަދަލުކުރާ ކޯހުގެ ޖުމްލަ ޚަރަދު ކުރިން ހޮވުނު ކޯހަށްވުރެ ބޮޑުނުވުން ފަދަ ޝަރުޠުތަކެއް ވެސް ހިމެނިފައިވެއެވެ. އަދި ކޯސް ބަދަލުކުރެވޭނީ އެންމެ ފަހަރަކު ކަމަށާއި، ބަދަލުކުރާ ކޯހަކީ ސްކޮލަރޝިޕްގެ އެހެން އުސޫލުތަކާ ފުށުނާރާ ކޯހަކަށް ވާންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ހައި އެޗީވާސް ސްކޮލަރޝިޕަކީ ދިވެހި އަދި އިސްލާމް މާއްދާ ހިމެނޭގޮތަށް ފަސް މާއްދާއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ ފުރުޞަތެކެވެ. މި ސްކޮލަރޝިޕްގެ ދަށުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބޭއިރު، ޤައުމަށް ބޭނުންވާ ދާއިރާތަކަށް އިސްކަންދެވެއެވެ.



