މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އަދި ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މުރޭ 21:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު އެއިދާރާއިން ބުނީ މިވަގުތުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރޭގެ 20:30 އާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.
މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް އެއިދާރާއިން މިއަދު ކުރިން ބުނެފައިވެއެވެ. އަދި ހުކުރު އަދި ހޮނިހިރު ދުވަހު އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހަމަ އެ ދެ ދުވަހު ރާއްޖޭގެ އެހެން ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.



