ސްކޫލްތަކުގެ މިޑް ޓާމް ބްރޭކާ ދިމާކޮށް ރަށުން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން އަމިއްލަ މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
މިއީ ރައްޔިތުން އެކިކަންކަމަށް ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާލެއިން ފުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. މާލެ ޕޮލިހުން މި ޕްރޮގްރާމް ފަށާފައިވަނީ ސްކޫލު ޗުއްޓީ ދުވަސްވަރު ގިނަ ބަޔަކު މާލެއިން ފުރައިގެން ތަންތަނަށް ދާނެކަމަށް ބެލެވޭތީއެވެ.
މި ޕްރޮގްރާމުގެ ދަށުން ފުލުހުން ވަނީ މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި ފުރަން ގޮސްތިބި މީހުންނާ ބައްދަލުކޮށް މަޢުލޫމާތު ދީފައެވެ. ފުލުހުން ހިންގާ މި ޕްރޮގްރާމްގައި ފުރައިގެންދާއިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމަށާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަ ތަނެއް ނުވަތަ އާންމުކޮށް މީހުން ހަރަކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ.
ފުލުހުންގެ މި މަސައްގެ މި މަސައްކަތަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. އަދި މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން ރައްޔިތުންނަށް ފައިދާކުރާނެކަމަށް އުންމީދުކުރެވެއެވެ.




