މިދިޔަ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީން މާލެއަށް ދަތުރުކުރަމުންދިޔަ ”ސީމެކްސް“ ބޯޓުން ގެއްލުނު ނޭޕާލް ފަޅުވެރިޔާ ރާޖް ކުމާރު އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ފަރާތުން ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މިހާތަނަށް ޖުމްލަ 304 ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި އަންގާރަ ދުވަހު ފުވައްމުލަކުގެ އިރުއުތުރުން 104 ނޯޓިކަލް މޭލުގެ ސަރަޙައްދަކާއި، އިއްޔެ 200 ނޯޓިކަލް މޭލުގެ ސަރަޙައްދެއް ހިމެނެއެވެ.
ފުލުހުންގެ ފަރާތުން ކުރިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ހޯމަ ދުވަހުގެ ރޭ 11:30 ގައި ”ސީމެކްސް“ ބޯޓު އައްޑޫ ސިޓީން ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރިކަން ކަށަވަރުވެފައިވެއެވެ. އަދި އެރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަދެއްކިކަންވެސް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ދަތުރުކުރަމުންދަނިކޮށް، ފުވައްމުލަކު ސިޓީއާ 8 މޭލު ދުރުގައި އޮއްވާ ރާޖް ކުމާރު ބޯޓުގައި ނެތްކަން ފާހަގަކުރެވުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
އެމްއެންޑީއެފްގެ ފަރާތުން ވިދާޅުވި ގޮތުގައި، ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާއިރު، އެންމެ ފަހުން ހިންގުނު ސާރޗް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަގުންނެވެ. އަދި މިހާތަނަށް ގެއްލުނު ފަޅުވެރިޔާއާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވާފައިވެއެވެ.



