ސަރުކާރަށް އަމާޒުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް އެންސްޕާގެ ކުރީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު ޝިއުނާ އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން މިއަދު އޭނާ ވަކިކޮށްފައިވާކަން ހާމަކޮށް އޭނާގެ ފަރާތުން އާންމުކުރި ބަޔާނެއްގައެވެ.
އެގޮތުން ޝިއުނާ ވިދާޅުވީ އެންސްޕާ އާއި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުގެ ބައިވެރިއެއް ކަމަށް ދޭހަވާނާހެން، ސަރުކާރުގެ ގިނަ ކޮރަޕްޝަންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވީނަމަވެސް ސަރުކާރަށް އަމާޒުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
”އެންސްޕާގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަނު ކުރެވުނު ތާރީޚުން ފެށިގެން މިއަދާ ހަމައަށް، އެންސްޕާއިން އެމްއެމްޓީވީއާ ގުޅިގެން ބާއްވާފައިވާ އެއްވެސް ބައްދަލުވުމެއްގައިވެސް އަޅުގަނޑު ބައިވެރިވެފައެއް ނުވާނެ“ ޝިއުނާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޝިއުނާ ވިދާޅުވީ އެންސްޕާގައި އޭނާ އެ މަގާމުގައި ހުންނެވިއިރު މަސައްކަތް ކޮށްފައިވާނީ އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ބެލުމެއްނެތި ކަމަށެވެ.




